ރާއްޖެ އިސްލާމްވިއިރު ހުންނެވި ރަސްގެފާނު
ރާއްޖެ އިސްލާމްވިއިރު ތަޚުތުގައި އިންނެވި ރަދުން މަޝްހޫރުވެފައިވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ. މިރަދުން ރަސްކަން ކުރައްވާފައިވަނީ 1142މ. އިން 1165މ. އަށް (536ހ. އިން 561ހ.) އަށް .

ރާއްޖެ އިސްލާމްވިއިރު ތަޚުތުގައި އިންނެވި ރަސްގެފާނުގެ ނަންފުޅަކީ ތީމުގޭ މަހާ ކަލަމިންޖާ ނުވަތަ ސުވަސްތީ ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުންނެވެ. މިރަދުން އިސްލާމްވެ ވަޑައިގަތުމަށްފަހު އިޚްތިޔާރު ކުރެއްވި ނަންފުޅަކީ އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲއެވެ. ދިވެހިންގެ ތެރޭގައި މި ރަދުން މަޝްހޫރުވެފައިވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ. މިރަދުން ރަސްކަން ކުރައްވާފައިވަނީ 1142މ. އިން 1165މ. އަށް (536ހ. އިން 561 އަށް).
ދަރުމަވަންތަ ރަސްގެފާނު އިސްލާމްދީން ޤަބޫލުފުޅު ކުރައްވައި ދިވެހީން އިސްލާމްދީނަށް އެނބުރުމަށް އަމުރު ކުރެއްވީ ހިޖްރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރާ މަހުގެ ކުރީކޮޅުގެ ދުވަހެއްގައެވެ. އެއީ މީލާދީން 1153 ވަނަ އަހަރެވެ. ދަރުމަވަންތަ ރަސްގެފާނު އިސްލާމްވެވަޑައިގެންނެވީ އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީގެ އަތްޕުޅު މައްޗަށެވެ. މިކަން އެގެނީ ހިޖްރައިން 738ވަނަ އަހަރު، މީލާދުން 1338ވަނަ އަހަރު އައްސުލްޠާން އަޙުމަދު ޝިހާބުއްދީނު ރަދުން މާލޭ ހުކުރު މިސްކިތް އާކުރެއްވުމަށްފަހު އެ މިސްކިތު މިހުރާބުގޭގައި، ފިލައެއް ބެހެއްޓެވިއެވެ. އެ ފިލާގައި ރާއްޖެ އިސްލާމް ކުރެއްވި ބޭކަލެއްގެ ނަންފުޅު ލިޔެފައިވެއެވެ. ނަމަވެސް އައްސުލްޠާން އިބްރާހީމް އިސްކަންދަރު (1ވަނަ) އިސްކަންދަރު ރަސްގެފާނު ހިޖްރައިން 1067ވަނަ އަހަރު، މީލާދުން 1656ވަނަ އަހަރު މާލޭ ހުކުރު މިސްކިތް އަލުން ޢިމާރާތް ކުރައްވައި ނިންމެވުމަށްފަހު މިސްކިތުގައި ބަހައްޓަވާފައިވާ ހުރިހާ ލިޔުމެއްގައިވެސް ވަނީ، ރާއްޖެ އިސްލާމްކުރެއްވީ އަބުލްބަރަކާތު ޔޫސުފުއް ތަބްރީޒީކަމަށެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން ފާހަގަކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރާ މަހުގެ ދެވަނަ ދުވަހެވެ. ދަރުމަވަންތަ ރަސްގެފާނު 12 އަހަރު ބުޑިސްޓް ދީނުގައި ރަސްކަން ކުރެއްވުމަށްފަހު އިސްލާމްވެވަޑައިގެން 13 އަހަރު އިސްލާމް ރަސްކަލެއްގެ ގޮތުގައި ޢަދުލުވެރިކަމާއެކު ރަސްކަން ކުރެއްވިއެވެ. މިރަދުން ޙައްޖަށް ވަޑައިގަތުމުގެ އެދުންފުޅުގައި ހުކުރުދުވަހެއްގެ މެންދުރުފަހު، ބޭރުން އައިސް އޮތް ނަވެއްގައި ފުރާވަޑައިގަތުމުން، އެނައު ގޮސް ލޯތަކަށް ގެއްލުނީއެވެ. އޭގެ ފަހުން ރަސްގެފާނުގެ ޚަބަރެއް ނުވެއެވެ.
މަޢުލޫމާތު: ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން، (2010މ.) ދިވެހިބަހުގެ އެކެޑަމީ.


