
މުޙައްމަދު ދީދީ
އަޅުގަނޑަކީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރަމުންދާ، ތާރީޚު (ހިސްޓްރީ) ކިޔަވައިދޭ، ސ. މީދޫ ދެށެނާ މުޙައްމަދު ދީދީ އެވެ. އިބްތިދާޢީ ތަޢުލީމުން ފެށިގެން ސާނަވީގެ ނިޔަލަށް، އަޅުގަނޑު ތަޢުލީމު ޙާޞިލްކުރީ އިންގްލިޝް ޕްރެޕް ސްކޫލް (އީޕީއެސް) އިންނެވެ. އެއަށްފަހު، 1986 ވަނަ މުދައްރިސުންގެ ތަޢުލީމީ މަރުކަޒު: އިންސްޓިޓިއުޓް އޮފް ޓީޗަރ އެޑިޔުކޭޝަން (އައިޓީއީ) އިން ހިންގި ޕްރައިމްރީ ޓީޗިންގ ސެޓްފިކެޓް (އިންގްލިޝް މިޑިއަމް) ކޯހާއި، 1989 ވަނައަހަރުން ފެށިގެން އެއް އަހަރު ދުވަހަށް ސިންގަޕޫރުގެ އިންސްޓިޓިއުޓް އިން އެޑިޔުކޭޝަން (އައި.އީ) އިން ހިންގި ސެޓުފިކެޓު އިން އެޑިޔުކޭޝަން ކޯސް ފުރިހަމަ ކުރީމެވެ. މީގެ އިތުރުން 1992ވަނަ އަހަރުން ފެށިގެން 1994ވަނަ އަހަރަށް ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗިލަރ އޮފް އާރޓްސް ކޯހެއް އަދި 1995ވަނަ އަހަރުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް އެ ޔުނިވަރސީޓިން ހިންގި ގްރެޖްއޭޓު ޑިޕޮލޮމާއިން ސެކެންޑަރީ ޓީޗިނގ ކޯހެއް ފުރިހަމަ ކުރީމެވެ. މީގެ އިތުރުން ޔުނައިޓެޑް ނޭޝަންސް ޕޮޕިޔުލޭޝަން ފަންޑު ގެ ފަރާތުން ހަމަޖައްސަވައިދެއްވި މާސްޓަރ ޑިގްރީ ކޯހެއް ޔުނިވަރސިޓީ އޮފް ދަ ފިލިޕީންސް ގައި ފުރިހަމަކޮށްފައިވާނެއެވެ.
ތަޢުލީމީ ދާއިރާގައި އަޅުގަނޑު ފަންސަވީހަކަށް އަހަރު ވަޟީފާ އާދާކޮށްފައިވާނެވެ. މިގޮތުން އިސްކަންދަރު ސްކޫލްގެ ޓީޗަރުކަމާއި، ތާޖުއްދީން ސްކޫލްގެ ޓީޗަރުކަމާއި ސަދަން ސެކެންދަރީ ސޫލްގެ ޓީޗަރުކަން ކޮށްފައިވާނެއެވެ. މީގެ އިތުރުން މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގެ ޓިއުޓަރުކަމާއި ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އެސިސްޓެންޓް ލެކްޗަރަރ ގެ މަޤާމު އާދާކޮށްފައިވާނެއެވެ.
ކިޔަވައިދިނުމުގެ މަސައްކަތުގެ އިތުރުން އޮފީސް ހިންގުމުގެ ދާއިރާގައިވެސް މަސައްކަތްކޮށްފައި ވާނެއެވެ. މިގޮތުން މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ޑެޕިޔުޓީ ޑިރެކްޓަރުކަމާއި، އަތޮޅުވެރިޔާގެ ބަދަލުގައި ހުރެ ބ. އަތޮޅު އޮފީސް ހިންގުމާއި ހދ. އަތޮޅުވެރިކަން ކުރުމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕާރމަނަންޓް ސެކްރެޓަރީއެއްގެ މަޤާމުގައި އަށް އަހަރެއްހާ ދުވަހު މަސައްކަތްކޮށްފައިވާނެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސީޓީގެ ސެންޓަރ ފޮރ ފައުންޑޭޝަންގެ ވެރިޔާގެ މަގާމުގައި 4 އަހަރު ހުރުމަށްފަހު މިހާރު އަޅުގަނޑަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސީޓީގެ ސީ.އެފް.އެސް ގެ ސީނިއަރ ލެކްޗަރަރ އެއްގެ މަޤާމު އަދާކުރަމުންދާ މީހަކީމެވެ.
'ތާރީޚް ބައި ޑީޑީ' ގެ ނަމުގައި ވެބްސައިޓެއް ހެދުމުގެ ބޭނުމަކީ، ރާއްޖޭގެ ތާރީޚާއި، ތަރިކަ، ޖޯގްރަފީގެ އިތުރުން ދުނިޔޭގެ ތާރީޚުގެ މުހިންމު ބައެއް މަޢުލޫމާތު އެއްތަނަކުން ފަސޭހަކަމާއެކު ހޯދާ ބެލުމަށް މަގުފަހިކޮށްދިނުމެވެ. މި ވެބްސައިޓުގައި މަޢުލޫމާތު ހިމަނާފައިވާނީ ފަސޭހައިން ފެންނާނެހެން 'ދިވެހި ތާރީޚް'، 'ދުނިޔޭގެ ތާރީޚް' އަދި 'ޖޯގްރަފީ' މިފަދަ މައިގަނޑު ބައިތަކަށް ބަހައިގެންނެވެ.
ކޮންމެ ޤައުމެއްގައި ދިރިއުޅޭ ބަޔަކަށް، އެބައެއްގެ މާޒީގައި ހިނގާފައިވާ ހާދިސާތަކާއި، އެބަޔެއްގެ ޤައުމު އުފެދިގެން އައިގޮތާއި، ތަރައްޤީވަމުން އައިސްފައިވާ ގޮތާބޭހޭ އެންމެހާ މަޢުލޫމާތު ލިބޭނީ ތާރީޚު (ހިސްޓްރީ)އާ ބެހޭގޮތުން ލިޔެފައިވާ ޞައްހަ މަޢުލޫމާތުންނެވެ. ތިމާއާއި ތިމާގެ ޤައުމުގެ ޙާލަތު ރަގަޅުކުރެވޭނީ ތިމާއަށް ތިމާގެ ޤައުމުގެ ތާރީޚު އެގިގެންނެވެ. ތާރީޚަކީ ޤައުމުގެ މޫނުބަލާ ލޯގަނޑެވެ.